ޣައްޒާގެ ދެކުނު އައްސޭރިއަށް ދިޔަ ޓްރަކެއް ކައިރިއަށް އެއްވި ރައްޔިތުންތަކަކަށް އިޒްރޭލުން ހަމަލާދީ، ފަސް މީހަކު މަރާލައި، 50 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އެމީހުން އެ ޓްރަކު ކައިރިއަށް އެއްވީ ކާބޯތަކެތި ހޯދުމަށެވެ.
އިޒްރޭލުން ވަނީ، ޣައްޒާގެ ނަސްލު ނައްތާލައި، ގަދަބާރުން ޣައްޒާ ހިފާނެކަމުގެ އިންޒާރު ދީފައެވެ. އެ އިންޒާރާއެކު ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަނީ ވަރުގަދަކޮށް އިތުރުވެސް ކޮށްފައެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނެފައިވަނީ ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ޓެންޓަކަށް ވެސް ދިން ހަމަލާއެއްގައު 50 އަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށާއި އިޒްރޭލުން ޣައްޒާގެ އާންމު ރައްޔިތުން މަރަމުން ގެންދަނީ އެމީހުންގެ އަމިއްލަ އުފަލަކަށް ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް އަޅަން ފަށާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ކާބޯތަކެތި ނުލިބި ޣައްޒާގެ އެތައް ރައްޔިތުންނެއް ވަނީ މަރުވެފައެވެ. އަދި މާބަނޑު އެތައް އަންހެނުންނެއްގެ ދަރިންވެސް ބައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.


