ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ތިން ދައުވާއެއް އުފުލައިފިއެވެ.
އެއީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑްރިންގެ ދައުވާއެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިރޭ ބުނި ގޮތުގައި މި ދައުވާތަކަށް އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 15 އަހަރާއި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.
މައްސަލައިގައި ތުހުމަތު ކުރެވެނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ އަތުން 500,000 ރުފިޔާ ނެގުމަށްފަހު، އޭގެ ތެރެއިން 400,000 ރުފިޔާ ޝަމްއާން އަތުގައި ބަހައްޓައި، އޭގެ ތެރެއިން ބައެއް ފައިސާ އޭނާގެ ދެ ސްޓޫޑަންޓް ލޯނަކަށް ދެއްކި ކަމަށެވެ.
މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް 250,000 ރުފިޔާ ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރުންގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ. އެއީ އިބްރާހިމް އަހުމަދު، މުހައްމަދު އަލްސަން އިސްމާއިލް، އަހުމަދު ސަހެޝަން އަދި އަހުމަދު ލައްސާނެވެ.
މި މައްސަލައަކީ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.


