ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އައްޔަނު ކުރައްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ރައީސް ވަހީދު ވަނީ މީގެ ކުރިން ރާއްޖޭގެ ރައީސް ކަމުގެ އިތުރުން، ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ވެސް އެމަނިކުފާނު ފުރުއްވައިފައެވެ. ރައީސް ވަހީދަކީ ޔުނިސެފުގައިވެސް އިސް މަޤާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށްފަހު، ރައީސް މުޢިއްޒު ވަނީ ކުރީގެ ރައީސް ވަހީދުއާ ބައްދަލު ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަޙީދަކީ ވަރަށް ގާބިލު ބޭފުޅެއްކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިޤްތިސާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސް މުޢިއްޒު އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.



