ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާ އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އެވެ. އަދި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ޗެއަރމަން ޑރ. ރާއިދު މަހުމޫދު ރަދުވާން އެވެ.
މި ފަހުމުނާމާގައި ސޮއިކުރެވުނީ ”ސަޢޫދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025“ ގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން އެކުގައި މަސައްކަތްކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް އެއްބާރުލުންދިނުމާއި، މަޢުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމާއި، ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުން ހިމެނެއެވެ.




