2025 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 8.88 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފްސާހިސާބުތަކާ ބެހޭ ޤައުމީ އިދާރާއިން ޝާއިއުކުރާ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) އަށް ކޮންމެ މަހަކު އަންނަ ބަދަލު ނުވަތަ މަންތްލީ އިންޑިކޭޓާރސް އޮފް އިކޮނޮމިކް ގްރޯތް (އެމް.އައި.އީ.ޖީ) އަކީ ގައުމެއްގެ އިޤުތިޞާދަށް އަންނަ ބަދަލުތައް އަވަސް މިނެއްގައި މަހުން މަހަށް ދައްކުވައިދޭ މިންގަނޑެކެވެ.
ކޮންމެ މަހެއްގެ ޖީ.ޑީ.ޕީ އެކުލަވާލެވެނީ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ދާއިމީ އަގުން ނުވަތަ ރިއަލް ޖީ.ޑީ.ޕީވެސް އެކުލަވާލާ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދި އިގްތިސާދުގެ މައިގަނޑު ދާއިރާތަކުގެ މައުލޫމާތު ހިމަނައިގެން ކުއާޓަރލީ ޖީ.ޑީ.ޕީއާ އެއްހަމަކުރެވިގެންނެވެ. މި އިންޑިކޭޓަރ ތަކުން އިގްތިސާދުގައި ހިމެނޭ މައިގަނޑު އިންޑަސްޓްރީތަކާއި އިގްތިސާދީ ހަރަކާތްތަކަށް އަންނަ ބަދަލުތައް ދައްކުވައިދެއެވެ.
ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރުމަށާއި ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާ އިގްތިސާދީ މުހިންމު މައުލޫމާތު އަވަސް މިނެއްގައި މަންތްލީ ޖީ.ޑީ.ޕީ އިން ފޯރުކޮށްދެއެވެ.
މި ހަފްތާގައި ޝާއިއު ކުރެވުނު މޭ މަހުގެ އަދަދުގައި ހިމެނެނީ ޖަނަވަރީ 2014 އިން ފެށިގެން މާރިޗު 2025ގެ ނިޔަލަށް އަންދާޒާ ކުރެވިފައިވާ ޖީ.ޑީ.ޕީއެވެ.
މި ތަފާސްހިސާބުތަކުން އަންދާޒާ ކުރެވޭގޮތުގައި ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 24.1 އިންސައްތައާއެކުއެވެ.
ދެން އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކުގެ ދާއިރާއިން 13.1 އިންސައްތައާއެކުއެވެ. އަދި ގޯތިގެދޮރުގެ ވިޔަފާރީގެ ދާއިރާއިން 9.0 އިންސައްތަ ހިއްސާކޮށްފައިވެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކޮންމެ މަހެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި މަންތްލީ ޖީ.ޑީ.ޕީ ޝާއިޢުކުރެއެވެ.
މި ތަފާސްހިސާބުތަކަކީ ޤައުމުގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށާއި ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންކުރެވޭ މުހިންމު މަޢުލޫމާތުތަކެކެވެ.



