ރާއްޖޭގެ ހުރިހާ ހިސާބަކަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށުނީ މި މަހުގެ ހަތެއްގައި ކަމަށާއި، މެދުރާއްޖެތެރޭގެ ރަށްތަކަށް އެ މޫސުން ފެށުނީ މި މަހުގެ 12 ގައެވެ.
އަދި އުތުރުގެ އަތޮޅުތަކަށް މިދިޔަ ބުދަ ދުވަހު ހުޅަނގު މޫސުން ފަށާފައިވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މިދިޔަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މެއި 14 ގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި 17 ވަނަ ދުވަހު އެވެ.
އެހެންކަމުން، މި އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ އަހަރަށް ވުރެ ހަތަރު ދުވަސް ފަހުންނެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑު
ހުޅަނގު މޫސުން ފެށުނުކަން ޔަގީން ކުރުމަށް ދެ ގޮތަކަށް ބަލާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އެއީ ވާރޭ ވެހުނު މިންވަރާއި ވައިގެ މިސްރާބު ހުރި ގޮތެވެ.
މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެ އަށް ވުރެ ގިނައިން ވާރޭ ވެހި، އެ ހާލަތު ޖެހިޖެހިގެން ދެ ދުވަހަށް ދެމިގެންދިއުމާއި، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ޖެހުމާއި އެ ހާލަތު ޖެހިގެންޖެހިގެން ދެ ދުވަހަށް ދެމިގެން ދިއުމަކީ ހުޅަނގު މޫސުން ފެށުނު ކަމަށް ބެލެވޭ މިންގަނޑެވެ.
މޫސުމީ ބަދަލުތައް
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރު ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.



