ލ.މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 18 މެއި 2025 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ލ.މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި އެއިރު ހުރި ޢަލީ އާދަމް (ހިޔާވެހި / ލ.މުންޑޫ) ގެ މައްޗަށެވެ.
މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން ޢަލީ އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި ދައުލަތަށް ޖުމުލަ 28،317.99 (އަށާވީސް ހާސް ތިންސަތޭކަ ސަތާރަ ރުފިޔާ ނުވަދިހަ ނުވަ ލާރި) ގެ ގެއްލުން ވެފައިވާކަމަށް ވެއެވެ. އަދި މި ފައިސާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ މުންޑޫ ސްކޫލަށް އަންގާފައެވެ.



