ރަޝިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ. އެގޮތުން މިމަހުގެ 25 ގެ ނިޔަލަށް ރާއްޖެއަށް 942،427 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %8 އިތުރުވުމެކެވެ.
ރަޝިއާ އަކީ މިއަހަރުގެ މިހާތަނަށް 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ޤައުމެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ރަޝިއާއިން 101،837 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ %10.8 އެވެ.
މިދިޔަ އަހަރު ރަޝިއާއަކީ ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ޤައުމެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ޤައުމަކީ:
° ޗައިނާ: 111،217 ފަތުރުވެރިން
° ރަޝިއާ: 101،837 ފަތުރުވެރިން
° އިނގިރޭސިވިލާތް: 96،914 ފަތުރުވެރިން
° އިޓަލީ: 80،727 ފަތުރުވެރިން
° ޖަރުމަނު: 72،256 ފަތުރުވެރިން




