މާލޭގެ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލުމަށް އިރުޝާދު ދީފައި ވަނީ އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ ހުކުމުގެ މުއްދަތު ބަންދުގައި ހުރި މުއްދަތަށް ވުރެ އިތުރުވެދާނެތީ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގައެވެ.
މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެޕްރީލް 24 ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކުރި އެވެ. އެންމެފަހުން އިތުރުކުރި 20 ދުވަހުގެ ބަންދުގެ މުއްދަތު ހަމަނުވަނީސް މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފަ އެވެ. އަދި އައު ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ ހަމަ އެދުވަހުގެ ހަވީރެވެ.
އަލުން ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރުގެ މުއްދަތު ހަމަވާނީ މިއަދަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޔުމްނު ވެއްޓުނު މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ރައުދުގެ މައްޗަށް ދައުވާ އުފުލުމަށް ޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު، ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދު ދީފައިވާތީ ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައުދު ބަންދުން ދޫކޮށްލުމަށް އެ އޮފީހުން ފުލުހުންނަށް އިރުޝާދު ދީފައި ވަނީ ބަންދުގައި ހުރި މުއްދަތު، އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ ހުކުމުގެ މުއްދަތަށް ވުރެ އިތުރުވެދާނެ ކަމަށެވެ. އެއީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުކަން ވެސް ފާހަގަކުރެއްވި އެވެ.




