ރަށްރަށުގެ މަގު ހެދުމާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މައުލޫމާތު ދެއްވާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އެކަން އިސްލާހުކޮށް އަލުން ޖަވާބު ދިނުމަށް އަންގާފައިވާނެ ކަމަށް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްޠަލިބް މިހެން ވިދާޅުވެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީން ހޯދަން އެދިފައިވާ އެދިފައިވާ މައުލޫމާތެއްގައި ރަނގަޅުނޫން މައުލޫމާތު ހިމަނާފައިވާކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި މިއަދު ޕޯސްޓެއްގައެވެ.
މި ހިނގާ މެއި މަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރަށްރަށުގައި މަގު ހެދުމަށް ތަފާތު ކުލަތަކުގައި ގައު އެތުރުމަށް އެދި ރަށްރަށުން އެދިފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ، އެގޮތަށް އެދިފައިވާ ރަށްތަށް ދެނެގަތުމަށް އަމިއްލަ ފަރާތަކުންވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން، ރައީސް އޮފީހުގައި އެދިފައެވެ.
މި މައުލޫމާތު ހާމަކުރެވޭނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާތީ، އޭނާ ވަނީ އެ މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީގައި ފަހުން އެދިފައެވެ.
އޭނާއަށް ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނެފައިވަނީ އެއްވެސް ކައުންސިލަކުން ތަފާތު ކުލަކުލައިގެ ގައު އެތުރުމަށް އެދިފައި ނުވާކަމަށެވެ. އަދި އެފަދަ ހުށައެޅުމަށް ރަސްމީކޮށް އެ މިނިސްޓްރީއަށް މިހާތަނަށް ލިބިފައިނުވާކަމަށް ވެސް އެމަައުލޫމާތުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިމައްސަލައިގައި އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖަވާބު ދެއްވާފައިވަނީ ރަނގަޅަށް ނޫންކަމަށާއި އަދި އެކަން އިސްލާޙުކޮށް އަލުން މައުލޫމާތު ފޯރުކޮށްދިނުމަށް އަންގަވާފައިވާނެ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، ރަށްރަށުގައި މަގުތައް ހެދުމާއި ގުޅޭގޮތުން ތަފާތު ކުލަކުލައިގެ ގައު އެތުރުމާއި ގުޅޭގޮތުން މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އއ. ތޮއްޑޫ ކައުންސިލުން އެކަމަށް އެދި ރަސްމީކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަންގަވާފައިވާ ކަމަށެވެ.



