ތ. އަތޮޅު ސުކޫލެއްގައި ކިޔަވާ 11 އަހަރުގެ ދަރިވަރެއްގެ އިނގިލި މިދިޔަ ހޯމަ ދުވަހު އަނބުރާލައި، ހުޅުން ނައްޓާލި ކަމަށް ތުހުމަތުވާ އިންޑިއާ ޓީޗަރު އިއްޔެ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން މިދިޔަ ހޯމަ ދުވަހު ވިދާޅުވީ، އެ ދުވަހު ހެނދުނު 10:55 ހާއިރު ސްކޫލެއްގެ ބިދޭސީ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލައި ހުޅުން ނައްޓާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
އެނގިފައިވާ ގޮތުގައި ކުއްޖާގެ އިނގިލި އަނބުރާލައި، ހުޅުން ނެއްޓުމުން އެ ޓީޗަރު ވަނީ އަލުން ހުޅުވައިދީފައެވެ. ނަމަވެސް ފަހުން އެ ޓީޗަރު ކުއްޖާއާ އަޅާނުލައި ކަމަށާއި އެކަން ސްކޫލުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ވެސް އަންގާފައިނުވާކަން އެނގިފައިވެއެވެ.
ކުއްޖާގެ އިނގިއްޔަށް ތަދުވެގެން ރޯތީ، އެކަން ކުއްޖާގެ ބައްޕައަށް އެންގީ ކްލާސް ޓީޗަރުކަން ވެސް އެނގިފައިވެއެވެ.
ކުއްޖާއަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެއަތޮޅު އެހެން ރަށަކަށް ވެސް ހަމަ އެދުވަހު ކުއްޖާ ގެންދިޔައެވެ. އަސި އެތަނަށް ފުލުހުން ވެސް ދިޔައެވެ.
ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ ބިދޭސީ ޓީޗަރު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުންދާ ކަމަށެވެ.



