ތ. އަތޮޅު ސުކޫލެއްގައި ކިޔަވާ 11 އަހަރުގެ ދަރިވަރެއްގެ އިނގިލި އަނބުރާލައި، ހުޅުން ނައްޓާލި ކަމަށް ތުހުމަތު ކޮށްފައިވާ އިންޑިއާ ޓީޗަރެއް އިއްޔެ ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން މިދިޔަ ހޯމަ ދުވަހު ވިދާޅުވީ، އެ ދުވަހު ހެނދުނު 10:55 ހާއިރު ސްކޫލެއްގެ ބިދޭސީ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލައި ހުޅުން ނައްޓާލި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
އެނގިފައިވާ ގޮތުގައި ކުއްޖާގެ އިނގިލި އަނބުރާލައި، ހުޅުން ނެއްޓުމުން އެ ޓީޗަރު ވަނީ އަލުން ހުޅު ލައްވައިދީފައެވެ. ނަމަވެސް ފަހުން އެ ޓީޗަރު ކުއްޖާއާ އަޅާނުލައި ކަމަށާއި އެކަން ސްކޫލުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ވެސް އަންގާފައިނުވާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ކުއްޖާގެ އިނގިއްޔަށް ތަދުވެގެން ރޯތީ، އެކަން ކުއްޖާގެ ބައްޕައަށް އެންގީ ކްލާސް ޓީޗަރު ކަމަށްވެސް އަޑުފެތުރިފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ވިދާޅުވީ، އެ ޓީޗަރު ހައްޔަރު ކުރުމަށްފަހު 24 ގަޑިއިރު ވުމުން ހަމަ އިއްޔެ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ވިދާޅުވީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުނުކޮށް އޭނާ ބަންދުން ދޫކޮށްލީ އެ މައްސަލާގައި ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.
މި މައްސަލައިގައި އެ ޓީޗަރުގެ ބަޔާން ނަގާފައިވާ ކަމަށާއި އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.




