އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޮފީހުން އެ ޤައުމުގެ މަޝްހޫރު ބިލިއަނަރު އެލޮން މަސްކް ވަކިވާން އުޅޭކަން އޭނާ އިއުލާނު ކޮށްފިއެވެ.
ޓްރަމްޕްގެ އޮފީހާ އެލޮން މަސްކް ގުޅުނީ އެމެރިކާގެ ދައުލަތުގެ ބަޖެޓު ބައްޓަންކޮށް، ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތަކެއް ހޯދައި ދިނުމަށްޓަކައި، ޓްރަމްޕްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައެވެ.
ނަމަވެސް އެ މަގާމު ދީފައިވާ މުއްދަތު މިހާރު ހަމަވުމާ ކައިރިވުމުން އެލޮން މަސްކް ވަނީ އޭނާ ހިންގަމުންދާ ”އެކްސް“ ގައި އެކަން އިއުލާނުކޮށް، އެމެރިކާގެ ޚަރަދުތައް ކުޑަކުރުމުގައި އެހީތެރިވެދިންފަދަ މަތީ މަގާމެއް ދިނުމުން ޓްރަމްޕަށް ޝުކުރު އަދާ ކޮށްފައެވެ.
މިއަހަރުގެ ޖެނުއަރީ މަހު އެލޮން މަސްކް އެ މަގާމާ ހަވާލުވީ، އެމެރިކާ ސަރުކާރުން ކުރަންޖެހޭ ފެޑެރަލް ޚަރަދުތަކުން 1 ޓްރިލިއަން އެމެރިކާ ޑޮލަރު ކަނޑައިދޭނެ ކަމަށް ވައުދުވެއެވެ. ނަމަވެސް އެ މަގާމުގައި އޭނާގެ ދައުރު ހަމަވުމާ ގާތްވީއިރު އެ ހޭދަތަކުން އެލޮން މަސްކްއަށް ކަނޑައިދެވިފައިވަނީ 175 ބިލިއަން ޑޮލަރުކަން ރިޕޯޓުތަކުން ބުނެފައިވެއެވެ.
ޓްރަމްޕްގެ އޮފީހާ އެލޮން މަސްކް ގުޅިފައިވަނީ، ޓްރަމްޕް ތައާރަފްކޮށްފައިވާ ”ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހޭދަކުރާ 130 ދުވަހުގެ“ ސިޔާސަތުގެ ދަށުންނެވެ.




