ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ އައު ވޭރިއަންޓެއް މިހާރު ފެތުރެމުން ދިޔުމާ ގުޅިގެން މި ބަލީގެ ކޭސްތައް އިތުރުވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯ އިން ބުނީ މި ހިނގާ މެއި މަހުގެ މެދުތެރޭގައި ރިޕޯޓްކުރި ސީކުއެންސް ސާމްޕަލްތަކުގެ ގާތްގަނޑަކަށް 11 ޕަސެންޓަކީ އާ ވޭރިއަންޓް، އެންބީ.1.8.1 ކަމަށެވެ.
ފެތުރެމުންދާ ކޮވިޑް-19ގެ އައު ވޭރިއަންޓަކީ މޮނިޓަރިންގެ ހާލަތުގައިވާ ވޭރިއަންޓެއް ކަމަށާއި މިހާރު ހުރި ވެކްސިން ވެސް މި އައު ވޭރިއަންޓާ ދެކޮޅަށް ބޭނުން ކުރެވޭނެ ކަމުގައި ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ. އަދި މި އައު ވޭރިއަންޓުގެ ސަބަބުން އާންމު ސިއްހަތަށް ބޮޑު ނުރައްކަލެއް ނެތް ކަމުގައިވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވެއެވެ.
ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ކޭސްތައް މައިގަނޑު ގޮތެއްގައި އިތުރުވަމުން ދަނީ އިރުމަތީ މެޑިޓެރޭނިއަން، ދެކުނު އިރުމަތީ އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުތަކުގައެވެ. އެގޮތުން އެމެރިކާގެ އެއާޕޯޓު ސްކްރީނިންތަކުން، ކެލިފޯނިއާ، ވޮޝިންޓަން ސްޓޭޓް، ވާޖީނިއާ އަދި ނިއު ޔޯކް ފަދަ ތަންތަނަށް އަންނަ މީހުންގެ ގައިން އައު ވޭރިއަންޓް ދެނެގަނެވިފައިވާ ކަމަަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މީގެއިތުރުން ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ، ހުޅަނގު ޕެސިފިކް ސަރަހައްދުގެ ގިނަ ގައުމުތަކަކުން ކޮވިޑް ކޭސްތައް އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އައު ވޭރިއަންޓުން ބަލިވުން ކުރީގެ ވޭރިއަންޓުތަކަށްވުރެ ސީރިއަސް ކަމުގެ އެއްވެސް ހެއްކެއް މިވަގުތު ނެތް ކަމަށް ވެސް ބުންޏެވެ.



