ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއި ދޭން ފެށި މަސައްކަތުގެ ތެރެއިން ދެ މީހަކު އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން ބުނީ ޓެގް އަޅުވައި ދެ މީހަކު ދޫކޮށްލާފައިވާއިރު އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށް ދާނެ ކަމަށެވެ.
ވާނުވާ ބަންދުގައި ތިބޭ މީހުންގެ ތެރެއިން ޓެގް އަޅުވައި ދޫކޮށްލައި، ބަންދަށް ލުއި ހޯދަން ހުށަހެޅުމުގެ ފުރުސަތު ޕީޖީ އޮފީހުން ހުޅުވާލީ މީގެ ހަފުތާއެއް ކުރިންނެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެކު އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއިދިނުމުގެ ކަންކަން އިއްޔެ ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ އެމީހުން މޮނިޓަ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށް ކަމަށެވެ. އަދި އެ އެސެސްމަންޓުތައް ޕީޖީ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއި ދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަމުގަ އެވެ. އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް ހަމަޖެހިފައި ނުވާ ކަމުގައި ވެސް ބުނެފައިވެއެވެ.



