އޯޑަރު ކޮށްފައިހުރި ތަކެތި ޑެލިވަރ ކުރަން އެޑްރެސް ހޯދަން ކަމަށް ބުނެ މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެއެވެ.
ޕޯސްޓުގެ ނަމުގައި ސްކޭމެއް ހިންގަން ފަށާފައިމިވަނީ، ގިނަ އަދަދެއްގެ މީހުން ޓީމޫ ފަދަ ތަންތަނުން ތަކެތި އޯޑަރުކޮށް، އެތަކެތި ލިބުން ލަސްވެގެން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޕޯސްޓު އޮފީހުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕޯސްޓުގެ ނަމުގައި މިފަދަ ސްކޭމެއް ކުރިއަށްދާ ކަމަށާއި އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް އެ އޮފީހުން އެއްވެސް ކަސްޓަމަރަކަށް މެސެޖު ނުކުރާނެ ކަމަށެވެ. ޒާތީ އަދި މާލީ މައުލޫމާތު ރައްކާތެރިކުރުމަށް، ލިންކުތަކަށް ނުފިތުމަށް ވެސް ޕޯސްޓުން އިލްތިމާސް ކޮށްފައިވެއެވެ.
ޕޯސްޓުގެ ނަމުގައި ހިނގަމުން އަންނަ ސްކޭމް މެސެޖުގައި ބުނެފައިވަނީ އޯޑަރު ކުރި މީހާގެ ޕެކޭޖު ޑެލިވަރީ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ނުބައި އެޑްރެހެއް ދީފައި އޮތުމުން، ޑެލިވަރީ ނުކުރެވުނު ކަމަށެވެ. އަދި މެސެޖު ލިބޭތާ ހަ ގަޑިއިރުގެ ތެރޭގައި ޑެލިވަރީ އެޑްރެސް ރަނގަޅު ކުރުމަށް އަންގައި، އެ މެސެޖުގައި ވަނީ ލިންކެއް ވެސް ހިމަނައިފައެވެ.
އަދި ދީފައިވާ ވަގުތުގެ ތެރޭގައި ޑެލިވަރީ އެޑްރެސް އަޕްޑޭޓް ނުކޮށްފި ނަމަ ފީއެއް ވެސް ނަގާނެ ކަމަށް އެ މެސެޖުގައިވެ އެވެ.




