މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން މީގެ ފަސް އަހަރު ކުރިން ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އިހުމާލު ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފި އެވެ.
މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އެ އަލިފާނުގެ ހާދިސާގައި މީހަކު ވެސް މަރުވެ، 14 ގެއަކާއި ހަ ގުދަނެއް އެނދި ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެ އެވެ.
އެ ހާދިސާއާ ގުޅިގެން ގްރީން ޕާތު ކުންފުންޏާ ދެކޮޅަށް ތިން އާއިލާއެއްގެ ފަރާތުން ވަނީ ސިވިލް ކޯޓުގައި އިހުމާލުގެ ދައުވާ އުފުލާފައެވެ. އަދި އެ ކޯޓުން ކަނޑައެޅީ އެ ހާދިސާގައި ގްރީން ޕާތުގެ އިހުމާލު އޮތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފުކޮށް ބާތިލު ކޮށްދިނުމަށް އެދި ގްރީން ޕާތުން ހައި ކޯޓަށް ހުށަހެޅިއެވެ. އަދި އެ ކުންފުނިން އެ ގުދަން ހިނގާފައިވަނީ ޑިފެންސް މިނިސްޓްރީން ހުއްދަ ހޯދައިގެން ކަމަށް ވެސް ބުނެ ދިފާއު ހުށަހަޅައިފަ އެވެ.
ނަމަވެސް އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނީ ގްރީން ޕާތު ކުންފުނީގެ މައްޗަށް އަވަށްޓެރިންގެ މައްޗަށް ގާނޫނީ ޒިންމާއެއް އޮތް ކަމާ މެދު ޝައްކެއް ނެތް ކަމަށާއި އެ ޒިންމާއާ ކުންފުނީގެ ފަރާތުން ހިލާފުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ މިންވަރަށް ދައުވާ ކުރާ ފަރާތްތަކުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން ގްރީން ޕާތުގެ ކިބައިގައި އޮތް ގާނޫނީ ޒިންމާއާ ހިލާފުވެފައިވާ ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. އަދި އެ ހިލާފުވުމުގެ ސަބަބުން ބޮޑު ގެއްލުމެއް، ދައުވާކުރާ ފަރާތްތަކަށް ލިބިފައިވާ ވެސް ހައިކޯޓުގެ ކަމަށްކަނޑައެޅި އެވެ.
މީގެއިތުރުން އެ ތަނަކީ ހުއްދަ ހޯދައިގެން ހިންގާ ތަނެއް ކަމަށް ކުންފުނިން ބުނި ނަމަވެސް، ތަނުގެ ހާލަތު މޮނީޓާކޮށްފައިނުވާ ކަމަށް ހައި ކޯޓުގެ ހުކުމްގައި ބުންޏެވެ.



