އްޒާއަށް ޔަހޫދީ އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލަން އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމުގައި، ޣައްޒާއަށް އެއްވެސް ފައިދާއެއް ވާނެ ގޮތެއް ކަނޑައަޅާފައިނުވާ ކަމަށް ހަމާސް އިން ބުނެފިއެވެ.
އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހަދަން، އެ ޤައުމުގެ ފަރާތުން އެމެރިކާއިން ވަނީ ނުސީދާ މަޝްވަރާތަކެއް ފަށާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ އެއްބަސްވުމާ ގުޅޭގޮތުން ރޫޓަރސްއަށް މައުލޫމާތު ދެމުން ހަމާސްގެ ޕޮލިޓިކަލް ބިއުރޯ މެންބަރު ބާސިމް ނައީމް ބުނީ، ޣައްޒާގެ ރައްޔިތުންނާއި ހަމާސްއިން އެދިފައިވާ އެއްވެސް ކަމެއް އެ އެއްބަސްވުމުގައި ނުހިމެނޭ ކަމަށާއި ހަނގުރާމަ މެދުކަނޑާލުން ވެސް ނުހިމެނޭ ކަމަށެވެ.
ނަމަވެސް އެމެރިކާގެ ހުށަހެޅުމަށް ޤައުމީ ޒިންމާއެއްގެ ދަށުން ޖަވާބުދާރީވާން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ބާސިމް ބުންޏެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ހަމާސް އިން މިކަމާ ގުޅޭގޮތުން މިއަދު ނުވަތަ މާދަމާ ޖަވާބެއް ދޭން ހަމަޖެހިފައިވެއެވެ.
އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާ އެއްބަސްވުމުގެ އިތުރު ތަފްސީލެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ހަމާސްގެ ސީނިއަރ އޮފިޝަލް ސާމީ އަބޫ ޒުހްރީ ވެސް ރޫޓަރސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލާނެ ކަމަށާއި، އިޒްރޭލުގެ އަސްކަރިއްޔާ ޣައްޒާއިން ބާލާނެ ކަމަށް އަދި އެހީގެ ސާމާނު ޣައްޒާއަށް ވެއްދުން ނުހުއްޓުވާނެ ކަމަށް އެ އެއްބަސްވުމުގައި ހިމަނާފައިނުވާ ކަމަށާއި އެމެރިކާއިން ހުށަހެޅި އެއްބަސްވުމުގައި ޣައްޒާގެ ރައްޔިތުންނަަށް ފައިދާވާނެ އެއްވެސް ކަމެއް ނުހިމެނޭ ކަމަށެވެ.


