އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ އަރަފާތު ދުވަހުގެ މާތްކަމުގެ މައްޗަށެވެ.
އެގޮތުން މާތް اللهގެ އޯގާވަންތަކަމާއި، ތަނަވަސް ރަޙްމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް މި ދުވަހުގެ ސަވާބުން މަޙުރޫމެއް ނުކުރައްވާކަން ޚުތުބާގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ. އަދި ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާ ކަމުގައި ވެސް ބުނެފައިވެއެވެ.
ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި رسول الله ގެ ޙަދީޘުން ވެސް ސާބިތުވެއެވެ.
އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ.
صَوْمُ يَوْمِ عَرَفَةَ يُكَفِّرُ سَنَتَيْنِ: مَاضِيَةً وَمُسْتَقْبَلَةً، وَصَوْمُ عَاشُوْرَاءَ يُكَّفِرُ سَنَةً مَاضِيَةً
މާނައީ: ”ޢަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވާނޭކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމީ، އިސްވެ ގޮސްފައިވާ އަހަރުގެ ކުދި ފާފަތައް ފުއްސަވާނޭކަމެކެވެ.“
ޢަރަފާތު ދުވަހަކީ ދުޢާ އިޖާބަކުރެއްވުމުގެ ދުވަހެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاءކޮށް) އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.“
ޢަރަފާތު ދުވަހު ޛިކުރުކޮށް ދުޢާކުރުން ގިނަކުރުމަކީ އެދެވިގެންވާ ކަމެވެ. ކީރިތި ނަބިއްޔާ މުޙައްމަދު (ޞޢވ) ޙަދީޘްކުރައްވައިފައި ވެއެވެ.
”އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަން ކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ
لَا إِلَـٰـهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ މި ދުޢާއެވެ.“
މި މައްސަރުގެތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟުޙާ ޢީދު ދުވަހެވެ. އަޟުޙާ ޢީދު ދުވަހަކީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަހެވެ. އަދި އުޟުޙިޔާ ކަތިލުމުގެ ދުވަހެވެ. އެއީ ކީރިތި ނަބިއްޔާ (ޞޢވ) އެ ކަމަށް ބާރުއަޅުއްވައި، އެކަލޭގެފާނު ޢަމަލީ ގޮތުން އެ ކަން ކުރައްވައި ނަމޫނާ ދައްކަވައިފައިވާ ކަމެކެވެ. އުޟުޙިޔާ ކަތިލުމަކީ، ޙައްޖު މަހުގެ ދިހަވަނަ ދުވަހު އިރު އެރީއްސުރެ ތޭރަވަނަ ދުވަހުގެ އިރު އޮއްސިއްޖައުމަށް ދާންދެން ގެރި ބަކަރި، ޖަމަލު ފަދަ ނަޢަމްސޫފި اللهގެ މަގުގައި ޤުރުބާންކުރުމެވެ. އުޟުޙިޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެކެވެ. ގިނަގުނަ ދަރުމައާއި ސަވާބު ހުރި ކަމެކެވެ.
ޙައްޖުގެ ބުރަ އަޅުކަމަށް ފަހު، އަންނަނީ އަޟުޙާ ޢީދުގެ އުފާވެރި ދުވަސްތަކެވެ. އެއީ ކެއިންބުއިމާއި، ޒީނަތްތެރިވެ އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުޅިވަރުކުޅުމާއި، އުފާ ފާޅުކުރުމުގެ ދުވަސްތަކެކެވެ. ނަމަވެސް އިސްލާމްދީނުގައި މިއިން ކޮންމެ މުނާސަބަތެއް ވެސް ފާހަގަކުރެވެނީ މާތް اللهއަށް ކުރެވޭ މަތިވެރި އަޅުކަމަކުންނެވެ. ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ނަމާދަކުންނެވެ. اَلْإِمَامُ اِبْنُ الْقَيِّمِ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. ”މާތް ﷲއަށް ޝުކުރުކުރުމަކީ، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް އިޢުތިރާފުވެ، ހިތުން ލޮބުވެތިކަން ފާޅުކޮށް ﷲ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތަށް ރުޖޫއަވެ ތައުބާވުމެވެ. ދުލުން އެކަލާނގެއަށް ޙަމްދާއި ސަނާކިޔުމެވެ. އަދި ގުނަވަންތަކުން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އެހެންކަމުން ޢީދު ނަމާދަކީ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީންނާއި ދަތުރުވެރީންނާއި ރަށުގައި ޤާއިމުވެ ތިބޭ މީހުން ކުރުން ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އަދި އަންހެނުންގެ ތެރެއިން ޢީދުނަމާދުގައި ބައިވެރި ނުވެވޭ ޢުޒުރުވެރީން ވެސް ޢީދު ޚުޠުބާ އަޑުއެހުމަށް، رسول الله ބާރު އަޅުއްވާފައިވެއެވެ.




