މިއަހަރާއި އަންނަ އަހަރު ރާއްޖޭގެ ސިއްޙީ ދާއިރާ ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ގެނެސްދިން ”ރައްޔިތުންނާއެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސިއްހީ ދާއިރާއަކީ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި، އެމަނިކުފާނު އެންމެ އިސްކަމެއްދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރާއި، ޢުމްރާނީ އަދި އިންސާނީ ވަސީލަތުގެ ގޮތުން މުޅި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރެއްވުމަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި، ސިއްހީ ކަންކަން ރަނގަޅުކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ވެރިކަން ކުރާ، މާލޭ ސިޓީ ސަރަހައްދަކީ މުޅި ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް މިއަދު ވަޒަންވެރިވެގެން ދިރިއުޅޭ ސަރަހައްދަށް ވެފައިވާ ވާއިރު، ސިއްހީ ދާއިރާ ކުރިއެރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް ނިންމައިލެވި، ހިދުމަތް ދޭން ފެށިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަން އަދި އެއަށްވުރެ މާބޮޑަށްވެސް ރަނގަޅުކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހަށްބަލާއިރު، ސިއްހީ ދާއިރާގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރުން ފެއްޓެވި މުހިންމު މަޝްރޫޢުތަކެއްގެ ތެރެއިން ބައެއް މަޝްރޫޢުތަކުގައި ހަގީގީ ކުލަޖެހި، އަމަލީ ގޮތުން ރައްޔިތުންނަށް އެކަމުގެ ފައިދާ ވަނީ ކުރަން ފަށާފައެވެ.
އެގޮތުން، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކުމުގެ މަސައްކަތް މަޑުޖެހިފައި ވަނިކޮށް، އެއީ ޤައުމީ މައްސަލައެއް ކަމުގައި ދެކެވަޑައިގެން ޤައުމީ ދިފާޢީ ބާރާ އެކަން ޙަވާލުކުރައްވައިގެން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ރައީސް މުޢިއްޒު ވަނީ، މެއި 25 ވަނަ ދުވަހު، އެތަނުގެ ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
މި ބަދަލާއެކު ޖާގައިގެ ތަނަވަސްކަން ލިބި، ހިދުމަތް ފޯރުކޮށްދިނުމަށްވެސް ލުއިފަސޭހަކަން ވަނީ ލިބިފައިއެވެ. އަލަށް ތަރައްޤީކުރެވުނު ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ޚާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްސަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200 ޕައިންޓަށް އިތުރުކުރެވި އަންހެނުންނަށް ޚާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްސަ ވޯޑެއް ވަނީ އިތުރުކުރެވިފައެވެ. މީގެއިތުރުން އިންސާނީ އަދި ފަންނީ ވަސީލަތްތައްވެސް ވަނީ އިތުރުކުރެވިފައެވެ. މި ބަދަލުތަކަކީ ތެލެސީމިއާ ބަލީގެ ޕޭޝަންޓުންނާއި، އެ ފަރާތްތަކުގެ އާއިލާތަކާވެސް މަޝްވަރާ ކޮށްގެން ގެންނެވި ބަދަލުތަކެއްކަން، ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު، ހުޅުމާލޭ ހޮސްޕިޓަލުގައި ދެމުންދާ އިމަޖެންސީ ޚިދުމަތްތަކުގެ ފެންވަރު، ޒަމާނާ އެންމެ އެކަށީގެންވާ ގޮތަށް ބަދަލުކުރެވި، ޚިދުމަތްތައް، މެއި 26 ވަނަ ދުވަހު ފައްޓަވައިދެއްވިއެވެ. ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ޚާއްޞަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ޤާއިމުކޮށްފައިވެއެވެ. އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ޚާއްސަ އިސްކަމެއް ދީގެންނެވެ.



