އީރާނާއި އެމެރިކާއާ ދެމެދު ބާއްވަމުން އަންނަ ނުސީދާ ނިއުކްލިއާ މަޝްވަރާތަކުގައި އަންނަނީ ކުރިއެރުންތަކެއް ލިބެމުން ކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާން އިން ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ނުސީދާ ނިއުކްލިއާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން އޮފް އީރާން (އޭއީއޯއައި) ގެ ވެރިޔާ މުހައްމަދު އިސްލާމީ ހޮނިހިރު ދުވަހުު ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްލާމީ ވިދާޅުވީ އެމެރިކާއާ އެކު މިހާރު ކުރިއަށްދާ ނުސީދާ މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އަދި އެކަމާއި ގުޅިގެން ދެކެވޭ ”ޒީރޯ އެންރިޗްމަންޓް“ ގެ ވިސްނުން ވެސް އޭނާ ވަނީ ދޮގު ކުރައްވާފައެވެ.
މުހައްމަދު އިސްލާމީގެ އިތުރުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ ވޮޝިންޓަނާއެކު ނިއުކްލިއާ މަޝްވަރާތަކުގައި ތެހެރާނުން ދެކޭ ގޮތަކީ ”ޑޮމިނޭޝަން ރިޖެކްޓް ކުރުން“ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަޝްވަރާތަކުގައި އީރާނުގެ ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ޑޮމިނޭޝަންއަށް އިންކާރު ކުރުމުގެ މައްޗަށް ކަމަށެވެ.
އަރަގްޗީ ވިދާޅުވީ އީރާނަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމް ކުރުމުގެ އެއްވެސް ހައްގެއް އެމެރިކާއަކަށް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން އީރާން ކުރިއަށް ދާނީ ހަރުދަނާކަމާއި އެކު އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތު ﷲސައްޔިދު އަލީ ޚާމަނާއީގެ އިރުޝާދާ އެއްގޮތަށް ކަމަށް އަރަގްޗީ ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އީރާނާއި އެމެރިކާއިން އިޓަލީގެ ވެރިރަށް ރޯމްގައި ފަސް ވަނަ ބުރުގެ މަޝްވަރާތައް ވަނީ ބާއްވާފައެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުން ދަނީ އެއްވެސް ޙާލެއްގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ ޙައްޤަށް ކުޑަވެސް ލުޔެއް ނުދޭނެ ކަމަށެވެ.
ކުރީ ފަހަރުތަކެކޭ އެއްފަދައިން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރަހައްދީ މަންދޫބު ސްޓީވް ވިޓްކޯފް ވަނީ މަޝްވަރާތަކުގައި މަޝްވަރާގެ ވަފުދުތަކުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.



