ބެލެނިވެރިންނަކީ ގައުމުގެ ޒުވާން ޖީލު ބައްޓަންކޮށް ތަރުބިއްޔަތު ކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާ ސޯޝަލް މިޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ބެލެނިވެރިންނަށް އަރިސްކުރައްވާފައެވެ.
އެގޮތުން އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، އަންނަން އޮތް ޖީލުތައް ތަރުބިއްޔަތުކޮށް، މަގުދައްކައިދިނުމުގެ މުހިންމު މަސްއޫލިއްޔަތު އުފުލާ ޒުވާން އަދި އަލަށް ބެލެނިވެރިއަކަށްވި ފަރާތްތަކުގެ އަގުވަޒަން ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
”ބެލެނިވެރިންނަކީ ގައުމުގެ ޒުވާން ޖީލު ބައްޓަންކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތް“ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނުގެ ސަރުކާރުން އުފާވެރި ދުޅަހެޔޮ އަދި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ބޮޑުވާ ޖީލެއް ބިނާކުރުމަށް އެއްބާރުލުން ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މިގޮތުން އެކަމަށް ބޭނުންވާ ވަސީލަތްތަކާއި އެކަމަށް އެކަށީގެންވާ މާހައުލެއް ބިނާކުރުމާއި އަދި ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަމުން އަންނަ ބެލެނިވެރިންގެ ދުވަހެވެ.



