އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕްރެޝަރުގެ ދަށުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، ވަރަށް އަވަހަށް އީރާނަށް ނިއުކްލިއާ ހަމަލާއެއް ދީފާނެކަމުގައި ޓަކަރ ކާލްސަން ބުނެފިއެވެ.
ޓަކަރ ކާލްސަން އަކީ އެމެރިކާގެ މަޝްހޫރު ޕޮލިޓިކަލް ނޫސްވެރިއެކެވެ. އަދި އޭނާއަކީ 2023 ވަނަ އަހަރުން ފެށިގެން ”ދަ ޓަކަރ ކާލްސަން ޝޯ“ ގެ ހޯސްޓުވެސް މެއެވެ.
”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ޓަކަރ ބުނީ، ނިއުކްލިއަރ ހަމަލާދޭން އެމެރިކާގެ އަމާޒަކަށް ވާނީ އީރާނުގެ މެދުތެރޭގައި އޮންނަ ޕިކަކްސް ފަރުބަދަ ކަމަށާއި އެ ފަރުބަދައިގައި އީރާން ސަރުކާރުން ނިއުކްލިއާ މުއްސަނދިކަން އިތުރޖ ކުރުމުގެ ޕްރޮގްރާމް އަލުން ފަށާފައިވާ ކަމަށް، އިޒްރޭލުގެ ޖާސޫސީ އިދާރާއިން ބުނެފައިވާ ކަމަށެވެ. އެމެރިކާގެ އާސަނަލްގައި ހުރި އެއްވެސް އާންމު ހަތިޔާރަކަށް 300 ފޫޓުގެ ސޮލިޑް ގްރޭނައިޓްގެ ތެރެއަށް ވަދެ މުއްސަނދިކަން ހިނގަމުންދާ ކަމަށް ބުނާ ޓަނަލްތައް ނައްތާލެވެން ނެތް ކަމަށް ވެސް ޓަކަރ ބުނެފައިވެއެވެ. ”ހަމައެކަނި އޮތް ގޮތަކީ ނިއުކްލިއާ ހަމަލާއެއް ދިނުން. ނަތަންޔާހޫ ގެންދަނީ އެކަމާ ވަރަށް ބޮޑަށް ބާރު އަޅަމުން. ’ބީބީ‘ (ނަތަންޔާހޫ) ކޮންމެ ދުވަހަކު ވެސް ޓްރަމްޕަށް އެކަމާ ގުޅޭ ގޮތުން ގުޅާ“ މައުލޫމާތު ލިބިފައިވާ އޮބްޒާވަރަކު ބުނިކަމުގައި ޓަކަރ ބުންޏެވެ.
މީގެއިތުރުން އޭނާ ބުނީ، ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ހުރީ ކަނެއްގައި ޖެހި މާޔޫސްވެފައި ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ އިންތިޚާބުގެ ނަތީޖާއަށް ފަހު، ސީދާ އިސްރާއީލުގެ ސިޔާސީ ކަންކަމަށް ޓްރަމްޕް ވަދެ، އެހެން ޕާޓީތަކާ އެކު އެއްބަސްވުމެއް ހަދައިގެން ނަތަންޔާހޫއަށް 61 ގޮނޑި ލިބޭގޮތް ހެދޭތޯ މަސައްކަތް ކުރާ ކަމަށް ޓަކަރ ބުންޏެވެ. އެހެންނޫންނަމަ ބޮޑުވަޒީރުގެ މަގާމު ނަތަންޔާހީއަށް ގެއްލި، ލަދުވެތިކަމާއި ތަހުގީގުތަކާއެކު ފަހަރެއްގައި ޖަލަށްދާން ޖެހިދާނެ ކަމަށް ވެސް ބުންޏެވެ.



