ޤާނޫނީ ވަކީލު މަހްފޫޒު ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ އިއްޔެއެވެ. އެގޮތުން މީހަކު ވަނީ މަހްފޫޒުގެ ”އެކްސް“ އެކައުންޓު ޓެގްކޮށް ”ވަޅިއެއް ޖަހަންވީތޯ“ ސުވާލުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. ނަމަވެސް ހަމަ އިއްޔެގެ ވަގުތެއްގައި އެމީހާ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެ އެކައުންޓު ޑިލީޓުވެސް ކޮށްފައެވެ.
އެ ޕޯސްޓު ހިއްސާ ކުރައްވަމުން ވަކީލު މަހްފޫޒު ވިދާޅުވެފައިވަނީ ”އެފަދަ ކަމެއް ކުރުމުގެ ކުރިން އަހާލުމުން އުފާވާ“ ކަމަށެވެ. ނަމަވެސް އެ ބާވަތުގެ ކަމެއް ކުރަންޖެހޭ ޖާއިޒު އެއްވެސް ސަބަބެއް ނެތުމުން އެކަން ނުކުރަން އެދިވަޑައިގަންނަވާ ކަމަށް އެ ޕޯސްޓުގައި މަހްފޫޒު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ރޭގައި ވިދާޅުވީ، ޤާނޫނީ ވަކީލު މަހްފޫޒް ސައީދަށް އިންޒާރު ދީފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރައްވަމުންގެންދާ ކަމަށެވެ.
ފާޅުކަން ބޮޑު ގޮތެއްގައި މަހްފޫޒަށް އިއްޔެ މިފަދަ އިންޒާރެއް ދީފައިވާއިރު، މީގެ ނުވަ އަހަރު ކުރިން މީހަކު ވަނީ އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީފައެވެ. އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ. އެއީ ހުޅުމާލޭ ފްލެޓް 3-60 ފިރާޒް ޖައުފަރާއި ހ. ސެނާ، ޚާލިދު ނަފީއު އާއި ހުޅުމާލޭ 11270 އަހުމަދު ރާއިދު އަދި ތ. ގުރައިދޫ، ކަރަންކާގޭ ހުސައިން ޝަފްރާޒް އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން އޭރު ނިންމީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.




