ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދެކުނު ކޮރެޔާގެ އިންތިޚާބީ ރައީސް، ލީ ޗޭއި-މައިޔޮންގް، އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.
ދެކުނު ކޮރެއާގެ އިންތިޚާބީ ރައީސަށް، ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހޫނު މަރުހަބާއެއް ވިދާޅުވެ، އިންތިޚާބުގެ ނަތީޖާއަކީ، ޤައުމުގެ ހަމަޖެހުން ކަށަވަރުކޮށް، ކުރިއެރުން ދެމެހެއްޓުމަށް އިންތިޚާބީ ރައީސް، ލީގެ ތަޞައްވުރަށް، ދެކުނު ކޮރެއާގެ ރައްޔިތުން ކޮށްފައިވާ ވަރުގަދަ އިތުބާރު ހާމަކޮށްދެނިވި ކަމެއްކަން ފާހަގަކުރައްވާފައި ވެއެވެ.
އަދި އިންތިޚާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ދެކުނު ކޮރެއާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަމަސަލަސްކަމަށްވެސް، ރައީސްގެ މެސެޖުގައި ވަނީ، އެދިވަޑައިގެންފައެވެ.
ދެކުނު ކޮރެއާގެ ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމުގެ ދަޢުވާގައި އިތުބާރު ގެއްލިފައިވާ ކަމުގައި ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައި ހުންނަވަނިކޮށް އޭރު ރައީސްކަމުގައި ހުންނެވި ޔޫން ސުކް ޔޯލްގެ މައްޗަށް ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވާ ކަމަށް ޙުކުމްކޮށް، ރައީސް ކަމުގެ މަޤާމުން އެމަނިކުފާނު ދުރު ކުރުމަށް އެ ޤައުމުގެ ދުސްތޫރީ ކޯޓުން ނިންމުމާ ގުޅިގެންނެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކި މިއަދު އެމަނިކުފާނު ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.



