މާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނި ގޮތުގައި ނިޔާވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ، ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސަން (މޫސާ ފަތުހީ) ކަމަށެވެ.
މޫސަ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ހާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ. އަދި އޭނާ ނިޔާވެފައިވަނީ ބުދަ ދުވަހު މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށް ވެސް ކަރެކްޝަންސްއިން ބުނެފައިވެއެވެ.
ހުކުމް ތަންފީޒު ކުރަމުން ދިޔަ މޫސަ ޙަސަން ނިޔާވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ އެކަން ފުލުހުންނަށާއި އޭނާގެ އާއިލާގެ އިތުރުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް އަންގާފައެވެ.
މޫސާ ޙަސަންގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.




