އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ގަރާރަކުން ބާރަ ގައުމެއްގެ މީހުން އެމެރިކާ އަށް ދަތުރު ކުރުން މަނާކޮށްފި އެވެ.
މި ގަރާރުގެ ދަށުން އެމެރިކާ އަށް ދަތުރުކުރުން މަނާކުރި ގައުމުތަކުގެ ތެރޭގައި އިރާން، އަފްގާނިސްތާން، ޔަމަން، ލީބިއާ، ސޯމާލިއާ، ސޫދާން، މިއަންމާ، ޗާޑް، ރިޕަބްލިކް އޮފް ކޮންގޯ، ގިނީ، އެރިތުރިއާ އަދި ހެއިޓީ ހިމެނެ އެވެ.
މި ގައުމުތަކުގެ ތެރެއިން އިރާނަކީ އެމެރިކާގެ ޓެރަރިޒަމް ލިސްޓްގައި ހިމަނާފައި އޮންނަ ގައުމެއްކަން ފާހަގަކޮށްލެވެ އެވެ.
އަދި މި އުސޫލު ތަންފީޒު ކުރަން ފަށާނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެންކަން އިއުލާނު ކޮށްފައިވެ އެވެ.
އެމެރިކާ ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅަން ނިންމި ސަބަބު ބަޔާންކުރަމުން ބުނެފައިވަނީ، ގައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ޓެރަރިޒަމްގެ ހަމަލާތަކުން އެމެރިކާގެ ރައްޔިތުން ރައްކާތެރިކޮށް، އަމާން ވެއްޓެއް ގާއިމުކުރުމަށް ކަމަށެވެ.
މި ގަރާރާ ގުޅިގެން އެކި ފަރާތްތަކުން ދެކޮޅު ހަދަމުންދާއިރު، އެމެރިކާގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ މިއީ ގައުމީ ސަލާމަތަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މި ގަރާރުގެ ސަބަބުން އެ ގައުމުތަކުގެ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކަށް ރިއާޔަތްކޮށް، އިންސާނީ އަދި ހާއްސަ ހާލަތްތަކުގައި އިސްތިސްނާތަކެއް ދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.



