ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ޒީނިޔާ އެ މަގާމުން މިދިޔަ މަހު 25 ގައި ވަކިކުރުމާ ގުޅިގެންނެވެ. އޭނާ ވަކިކުރީ ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭތީ އާއި ކޮމިޝަނަށް އިހުތިރާމް ނުކުރާ ކަމަށް ބުނެއެވެ.
ޒީނިޔާ އެމަގާމުން ވަކިކުރިއިރު ބްރޯޑްކޮމްގެ މެންބަރުންނާމެދު ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށް އެތަނުގެ މުވައްޒަފުން މަޖިލީހަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.
އެ ޕެޓިޝަންގައި އެސްޖީއާ އާއި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތަކަށް ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެމްބަރުންގެ ފަރާތުން ހުރަސް އަޅަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައި މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 އާ ހަމައަށް ހުޅުވާލާފައިވާނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަންނާނީ އެ ކޮމިޝަނުގެ ކައުންޓަރުންނެވެ.
މަގާމަށް ހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް ސްކްރީންކުރުމަށްފަހު، ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހުގައި ކަމަށް ވެސް ބުނެފައިވެއެވެ.



