މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ އެންމެހާ ކަންކަން ސައުދީ އަރަބިއާ ސަރުކާރުން އިންތިޒާމު ކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވެފައިވަނީ ޙައްޖުގެ ކަންކަނާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ދައުލަތުގެ މީޑިއާއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައެވެ.
އެގޮތުން އެ ބަސްދީގަތުން ފައްޓަަވަމުން މިނިސްޓަރ ވިދާޅުވީ ހުރިހާ ދިވެހި ޙައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި އެންމެންވެސް މިހާރު ތިބީ ޢަރަފާތު ބިމުގައި ކަމަށެވެ.
”އެއްވެސް ޙާޖީއެއް ސިއްހީ ގޮތުން ހާލު ދެރައެއް ނޫން. ޑަޔަލިސިސް ހަދާ އެންމެ ބޭފުޅެއް ހުރީ، އޭނާވެސް ރޭގައި ޑަޔަލިސިސް ހެދުމަށްފަހު މިހާރު ހުރީ ޢަރަފާތު ބިމުގައި، ހާލު ރަނގަޅު“ މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު މީގެ އިތުރުން ވިދާޅުވެފައިވަނީ މިދުވަސްކޮޅަކީ މައްކާއަށް ވަރަށް ހޫނުގަދަ ދުވަސް ކޮޅެއް ކަމަށެވެ. އެހެންނަމަވެސް ޙާޖީންގެ ޓެންޓުތަކުގައި ފިނިވާގޮތަށް އިންތިޒާމު ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި މިއަހަރުގެ ޙައްޖުގެ ހުރިހާ އިންތިޒާމެއްވެސް ސައުދީ ސަރުކާރުން ވަރަށް ރަނގަޅަށް ފުރިހަމަކޮށްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.




