އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްތިއުފާ ދިނުމަށް އޭނާގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި، ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އެލޮން މަސްކް ގޮވާލައިފިއެވެ.
މި ދެ ބިލިއަނަރުންގެ ދެމެދުގައި އޮތް ގުޅުން ފަހަކަށް އައިސް ގޯސްވެގެން ދިޔައީ ޓްރަމްޕްގެ އެތެރޭގެ މުހިންމު އެއް ސިޔާސަތަށް މަސްކް ފާޑުކިޔުމާ ގުޅިގެންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު މި ދެ ބިލިއަނަރުން ވަނީ އެމީހުންގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފައެވެ. މި ހަމަނުޖެހުން ފެށިގެން އައީ ޓްރަމްޕްގެ އިދާރާއިން ހުށަހަޅާފައިވާ ޓެކްސް އަދި ހޭދަކުރުމުގެ ބިލަށް މަސްކް ފާޑުކިޔުމާ ގުޅިގެންނެވެ.
”މިއީ ނުބައި އަދި ހަޑިމުޑުދާރު ކަމެއް، މި ބިލަށް ވޯޓު ދިން ފަރާތްތައް ލަދުގަންނަން ޖެހޭނެ“ މަސްކް ބުނެފައިވެއެވެ.
އޭނާ ބުނާ ގޮތުގައި މި ބިލުގެ ސަބަބުން އެމެރިކާގެ ގައުމީ ދަރަނި އިތުރުވެގެންދާނެ ކަމަށާއި ތެލާއި ގޭހުގެ ސަބްސިޑީ ކަނޑާނުލުމަކީ ބޭއިންސާފެކެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ބުނާ ގޮތުގައި އިލެކްޓްރިކް އުޅަނދުތަކަށް ދޭ ސަބްސިޑީ އާއި މެންޑޭޓްތައް އުވާލުމުން މަސްކުގެ ޓެސްލާގެ ވިޔަފާރިއަށް ބުރޫ އަރާފާނެތީ އޭނާ ހިތްހަމަނުޖެހުން ފާޅުކުރަނީއެވެ.
މި ހަމަނުޖެހުމާއި ގުޅިގެން ޓެސްލާގެ ހިއްސާގެ އަގު ވަނީ 14 އިންސައްތަ ދަށަށް ގޮސްފައެވެ.
މި ދެ ފަރާތުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން ހައްލުކުރުމަށް ޓަކައި މިއަދު ފޯނު ކޯލެއް ރޭވިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ހަމަނުޖެހުމާ ގުޅިގެން ވޮޝިންގްޓަންގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.



