ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ސިއްހަތާއި އިގްތިސާދީ ވިލުންތެރިކަމުގެ ބިންގާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށް ސާބިތު އަޒުމެއްގައި ހުންނެވިކަން ހާމަކުރައްވާފައެވެ.
މި އަހަރުގެ ޝިޢާރު، ”ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން“ އަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިބަލިން ރައްކާތެރިވުމުގައްޔާއި އާންމު ދުޅަހެޔޮކަން ޤާއިމުކުރުމުގައި އަދި އިގްތިސާދު ހަރުދަނާ ކުރުމުގައި ސައިންސާއި އެވިޑެންސް-ބޭސްޑް ދިރާސާ އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
އެގޮތުން އާންމުން ބޭނުންކުރާ ހުރިހާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެތަކެއްޗަކީ ހަށިގަނޑަށް ފައިދާހުރި، އަދި އިތުބާރުކުރުވޭ މިންގަނޑުތަކަށް އުފައްދާ ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އަހުމިޔަތުކަން ތަކުރާރުކުރައްވައި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެޖެންޑާއަށް ހުރިހާ ފެންވަރެއްގައި އެއްބާރުލުން ދިނުމުގައި އެކުގައި މަސައްކަތްކުރުމަށް ރައީސް ވަނީ ކަމާ ގުޅޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ވަނީ ވަކި މެސެޖެއް ވެސް ފޮނުއްވާފައެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ، 2024 ވަނަ އަހަރު ތަންފީޒުކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަކީ، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެ ޤާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ ޒިންމާތައް އިތުރުކޮށް، ރާއްޖޭގެ ކާބޯތަކެތީގެ އޮނިގަނޑުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގައި އިސް ދައުރެއް އަދާކުރާނޭ ފުރުސަތު އެ އިދާރާއަށް ލިބިގެންދިޔައެވެ.
މިއަދުގެ މެސެޖުގައި ރައީސް ވަނީ އެމް.އެފް.ޑީ.އޭ އިން ހިންގާ މީސްމީޑިއާ ކެމްޕެއިން ”މުކައްބަ“ އަކީ އާންމުންގެ ޚިޔާލު ހޯދުމަށް ހިންގާ ކާމިޔާބު، އުފެއްދުންތެރި، އަދި ދުރުވިސްނުން ފެންނަ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި އެ މަސައްކަތައް ތައުރީފު ކުރައްވާފައެވެ. މީގެ އިތުރުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ކާބޯތަކެތީގެ ވިޔަފާރިވެރީންނަށް އަމާޒުކޮށްގެން ހިންގާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި، އެއީ ޖަވާބުދާރީކުރެވޭ މިންވަރު އިތުރުކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މާހައުލެއް އުފެއްދުމަށް މުހިއްމު މަސައްކަތްތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގައްޔާއި ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.



