އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ހިންގަމުން އަންނަ އިމާރާތާ ޖެހިގެން އޮތް ބިން މިހާރު އެ ޔުނިވާސިޓީއަށް ލިބިފައިވާކަމަށް ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ޒާހިރު ވަނީ އައިޔޫއެމްގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ޑރ. އަލީ ޒާހިރު ވިދާޅުވީ 2015ވަނަ އަހަރު ޔުނިވާސިޓީއަކަށް ބަދަލުވިނަމަވެސް ވަސީލަތްތައް ހަމަކުރުމަށް އަދިވެސް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ކުރިން ފަށާފައިވާ ކަންކަމާއި އަލަށް ފަށާކަންކަން އަވަހަށް ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެމަނިމުފާނު ފާހަގަ ކުރެއްވި އެއް ކަމަކީ، އެ ޔުނިވަސިޓީއާ ޖެހިގެން ދޮންހުރާ ގޯޅީގައި އޮންނަ ބިން މިހާރު ޔުނިވަރިސިޓީއަށް ލިބިފައިވުމެވެ.
މިހާރު ޕާކެއް ހިންގަމުންދާ އެ ބިމަކީ މީގެ އަހަރުތަކެއް ކުރިން އިސްލާމީ ޔުނިވަސިޓީން ގަނެފައިވާ ބިމެއްކަން ޑރ. އަލީ ޒާހިރު ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް މިހާތަނަށް އައިރުވެސް އެތަނުގެ ރަޖިސްޓްރީ ލިބިފައިނުވާ ކަމަށާއި މި ސަރުކާރު އައިފަހުން އެ ބިމުގެ ރަޖިސްޓްރީ އައިޔޫއެމްއަށް ލިބިފައިވާކަމަށް ވިދާޅުވިއެވެ.
”އެއީ އަސްލު ހަޤީގަތުގައި ޔުނިވަރސިޓީގެ މިލްކެއް. އެހެންވީމާ ޔުނިވަރސިޓީއަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުމުގައި ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް އެބަކުރޭ. ޔުނިވަރސިޓީއަކަށް ވީ ހިސާބުން ފެށިގެން އަދި ޔުނިވަރސިޓީގައި ވެހިކަލްއެއް ނުވެއްނެތް. ވަރަށް އަވަހަށް އެކަންވެސް ސަރުކާރުގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނެ. ވަރަށް އަވަހަށް ޔުނިވަރސިޓީ ތެރޭގައި އެ ޚިދުމަތް ލިބޭނެ ގޮތް ވަނީ ފަހިވެފައި“ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.




