އަމާޒަކީ މި ދައުރު ނިމޭއިރު ދުނިޔޭގެ އެހެން ޤައުމުތަކުގަވެސް އޮންނަ ގޮތަށް ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުންކަމަށް ދިވެހިބަހާ ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ އާދަމް ނަސީރު ވިދާޅުވީ މިދައުރުތެރޭ ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުންކަމަށާއި އެކަން ހާސިލު ކުރަން އެ މިނިސްޓްރީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
”ތަރިކައިގެ ދާއިރާއެކޭ މި ދެންނެވޭ ބަހުގެ މާނައަކީ ހަޤީގަތުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސަޤާފަތްވެސް އޭގެ ސާފު މާނައިގައި ދޭހަވުން. ތަރިކައަކީ ނުވަތަ ތަރިކައަށް ނުވާ އެއްޗަކީ ކޮބައިކަން އޭގެ ސާފު މާނައިގައި ދޭހަވުން.“ މިނިސްޓަރ އާދަމް ނަސީރު ވިދާޅުވިއެވެ.
ދިވެހީންނަށް ލިބިފައިވާ ތަރިކައިގެ އެންމެ މުހިންމު އެކައްޗަކީ ދިވެހި ބަސްކަން ހަނދާންކޮށްދެއްވާ މިނިސްޓަރ ވިދާޅުވީ، އެނޫންވެސް ގިނަ ތަރިކަތަކެއް ދިވެހީންނަށް ލިބިފައިވާކަމަށެވެ. އެހެންކަމުން ކޮންމެ ރަށެއްގައި ފެންވަރުގަވެސް މިކަމާ ވަކާލަތުކުރާނެ، މިކަމަށް ކަންބޮޑުވާނެ ނުވަތަ މިކަމަށް ހޭލުންތެރި، ތަރިކަތައް ހެޔޮގޮތުގައި ދަމަހައްޓަން ބޭނުންވާ ޖަމާއަތެއް އޮތުން ވަރަށް މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


