ނ. މަނަދޫއަށް ނިސްބަތްވާ ”ހިޔަލަ“ ގްރޫޕުން މި އީދު ދުވަހާ ދިމާކޮށް ނެރުނު ”އީދު ބޯމަތި ވަނީ“ ލަވަ، ހުއްދަ ނުހޯދައި ޓެލެވިޟަން މޯލްޑިވްސް (ޓީވީއެމް) އިން ދެއްކުމުން، ޓީވީއެމްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ހިޔަލަ ގްރޫޕުގެ ފަރާތުން އެ ލަވަ ޔޫޓިއުބުގައި ރިލީޒް ކޮށްފައިވަނީ މިދިޔަ ބުރާސްފަތު ދުވަހު ހަވީރެވެ. އަދި މިހާތަނަށް 85،000 އަށްވުރެ ގިނަ މީހުން ވަނީ އެ ލަވަ ޔޫޓިއުބުން ބަލާފައެވެ.
ރ. އަލިފުށީގައި ނަގާފައިވާ މި ލަވަ ކިޔާފައި ވަނީ މަރިޔަމް އަޝްފާ އެވެ. އެރާ ރެކޯޑްސްއިން މިއުޒިކް އުފައްދާފައިވާ މި ލަވައިގެ ޅެން ހަދާފައި ވަނީ އަބްދުﷲ ޝާހިދު (ޓެޑީ) އެވެ.
ރ. އަލިފުށީގައި ނަގާފައިވާ މި ލަވައިގައި ހަރަކާތްތެރިވެފައިވާ ލީޑް ތަރިންނަނީ މަރިޔަމް ޝިފާ އާއި މުހައްމަދު އިޝްފާން އެވެ.
ސޯޝަލް މީޑިއާގައި ވެސް ނުހަނު ހިނގާފައިވާ މި ލަވަ، ޓީވީއެމް އިން އިއްޔެ ގެނެސްދިން އީދު ކަވަރޭޖުގައި ވަނީ ދައްކާލާފައެވެ. ޓީވީއެމްއިން އެ ލަވަ ދެއްކީ ލިބިފައިވާ ހަދިޔާއެއް ކަމަށް ބުނެއެވެ.
މި ކަމާ ގުޅޭގޮތުން ނުރުހުންފާޅުކޮށް ލ، ހިޔަލަ ގްރޫޕުން އިއްޔެ ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނީ އެމީހުންގެ އެ ލަވަ ޓީވީއެމްގައި ވެސް އަދި އެނޫން އެހެން ޗެނަލަކުން ވެސް ދެއްކުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ.
”މި ގުރޫޕްގެ އުފެއްދުމެއް ހުއްދަ ނުލައި ބޭނުން ކުރުމުން އަޅުގަނޑުމެންގެ ހައްގަށް އަރައިގަތުމުގެ އިތުރުން މިއީ ވަރަށް އަން ޕްރޮފެޝަނަލް ކަމެއް،“ ހިޔަލަ އިން ބުންޏެވެ.
ހިޔަލަ ގްރޫޕުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާނެ ކަމަށާއި، މި މައްސަލައިގައި ގަަނޫނީ ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް ވެސް ހުށަހަޅާނެ ކަމަށެވެ.



