ގަވާއިދާ ހިލާފަށް 32 ސިނގިރޭޓު ކާޓަން އެތެރެކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ބިދޭސީއެއް، އޭނާ އަތުން ފެނުނު އެ ސިނގިރޭޓު ކާޓަންތަކަކީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށް ކޯޓުގައި އިއްޔެ ބުނެފިއެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ އަބްދުލް ކަރީމް ނަމަކަށް ކިޔާ މީހެކެވެ.
މި މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އެއިރު އަމުރު ކުރިއެވެ.
އެ މުއްދަތު އިއްޔެއަށް ހަމަވުމުން، ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 15 ދުވަހަށް އަބްދުލް ކަރީމްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައެވެ.
ކޯޓު އަމުރުގައި ވަނީ، އެ ސިނގިރޭޓުތަކަކީ އޭނާއަށް މީހަކު ގުޅައި، ހަވާލުކުރި އެއްޗެއް ކަމަށް ބުނި ކަމަށެވެ. އެކަމަކު، ސިނގިރޭޓުތައް ހަވާލުކުރަން ގުޅި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ބުނެދެވިފައިނުވާ ކަމަށް އައިއޯއާ ހަވާލާދީ އަމުރުގައިވެއެވެ.
މި މައްސަލައިގައި ފުލުހުން ކުރިން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓާ ބްރޭންޑުގެ 32 ކާޓަން ސިނގިރޭޓް ފެނިފައިވާ ކަމަށެވެ.
ކަރީމަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.



