އެއްވަނައަށްދާ އޮޑިއަކަށް އެއް ލައްކަ ރުފިޔާ ލިބޭ މަސް ރޭހެއް ބާއްވަން ”ކެޔޮޅުންގެ ލޮބީ“ އިން ނިންމައިފިއެވެ.
”މޯލްޑިވްސް ޓޫނާ ރޭސް 2025“ ގެ ނަން ދީފައިވާ މި މަސް ރޭހަކީ ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާންމުކޮށްގެން ހުޅުވާލާފައިވާ މަސް ރޭހެކެވެ.
ކެޔޮޅުންގެ ލޮބީން ބުނި ގޮތުގައި މި މަސް ރޭހަކީ އެ ޖަމިއްޔާގެ އަހަރީ ދުވަހާއި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މަސް ރޭހެކެވެ. މި ރޭސް އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.
މި މަސް ރޭސް ކުރިއަށް ދާނީ 24 ގަޑިއިރަށް ކަމަށާއި މި ރޭހަކީ ދޮށީ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމަށާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށާއި، ދޮށީ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއްކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
”މިރޭހުގެ މައިގަނޑު އެއް މަގްސަދަކީ، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކުރުވައި، މަސްވެރިކަމާ ދުރަށް ދިޔަ ޒުވާނުން އަނބުރާ ގެނައުން. އަދި މަސްވެރިންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެއްބައިވަންތަކަމުގެ ރޫހު ދިރުވުން“ ކެޔޮޅުންގެ ލޮބީގެ ރައީސް ޝަފްގާ ޝަފީގް ވިދާޅުވިއެވެ.
މީގެއިތުރުން ޝަފްގާ ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އަދި ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެގެން ދޮށީ މަސްވެރިކަން ކުރަމުން އަންނަ ކޮންމެ އޮޑިއަކަށް ވެސް މިމަސްރޭހުގައި ބައިވެރިވެވޭނެ ކަމަށެވެ.
މި މަސް ރޭސް ބާއްވަން ރާވަމުން ދަނީ، މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) ގައެވެ. އެހެންކަމުން، ރޭހުގައި ވަނަ ކަނޑައަޅާނީ ކޮމާޝަލީ މިހާރުވެސް ދޮށީ މަސްވެރިން މަސްކިރަމުން އަންނަ އުސޫލާ އެއްގޮތްވާގޮތުގެމަތީން މަހުގެ ބަރުދަން ބަލައިގެން ކަމަށް ޝަފްގާ ވިދާޅުވިއެވެ.
”މޯލްޑިވްސް ޓޫނާ ރޭސް 2025“ ގައި ހޮވުމަށް ކަނޑައެޅިފައި ވަނީ:
° މަސްރޭހުން 1 ވަނަ: އެންމެ މަތިން ކިލޯކިރާ އޮޑިއަކަށް 100،000 ރުފިޔާ (އެއް ލައްކަ ރުފިޔާ)
° މަސްރޭހުން 2 ވަނަ: އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 50،000 ރުފިޔާ
° މަސްރޭހުން 3 ވަނަ: އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 25،000 ރުފިޔާ
° މަސް ރޭހުގައި ބައިވެރިވާ އޮޑިތަކުގެ ތެރެއިން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް 5،000 ރުފިޔާ
ކެޔޮޅުންގެ ލޮބީން ބުނީ، މި މަސް ރޭހުގައި ބައިވެރިވާން ޝައުގުވެރިވާ އޮޑިފަހަރަށް، ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.




