އިއްޔެ މުޅި ރާއްޖެ ސިއްސުވާލި އެއް ޚަބަރަކީ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިބްރާހިމް ފަރީދު އަހުމަދު، މިފަނާ ކުރުވަނިވި ދުނިޔެއާއި ކުއްލި ގޮތަކަށް ވަކިވެ، ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިކަމުގެ ހިތާމަވެރި ޚަބަރެވެ.
ޝެއިޚް ފަރީދަކީ ދީނީ ކަންކަމުގައި ރައްޔިތުން ހޭލުންތެރި ކުރުމުގައި ވަރިބަލިވުމެއް ނެތި ސާބިތު ކަމާއެކު ދެމި ހުންނެވި ބޭކަލެކެވެ. ދީނީ އެކިއެކި ދަރުސްތައް ދެއްވުމާއި ކަށުނަމާދުތަކުގައި އިމާމުވެ ނަމާދު ކުރެއްވުމުގައި ވެސް ޝައިޚް ފަރީދަކީ ނަމޫނާ ދެއްކެވި ބޭފުޅެކެވެ.
އެނގިފައިވާ ގޮތުގައި މެލޭޝިއާއަށް އިއްޔެ ފުރާވަޑައިގެންނެވީ ވެސް ދީނީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ނަމަވެސް މެލޭޝިއާގެ އެއާޕޯޓަށް ފޭބުމާއެކު ހާލުކޮޅު ދެރަވެގެން ވެއްޓި، ކުއްލި ގޮތަކަށް އެމަނިކުފާނު އަވަހާރަވީއެވެ.
ޝެއިޚް ފަރީދު އަވަހާރަވެއްޖެކަމުގެ ހިތާމަވެރި ޚަބަރާއެކު ގިނަ ބަޔަކު ވަނީ އެބޭފުޅުންގެ ހިތްދަތި ޝުޢޫރުތައް ފާޅު ކޮށްފައެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޢުޒިޔާ މެސެޖާއި، ދީނީ އެހެން ޢިލްމުވެރިންގެ އިތުރުން ޝެއިޚް ފަރީދުގެ ކޮއްކޮ ޝެއިޚް އަލީ ޒައިދުގެ މެސެޖުގެ އިތުރުން އާންމުންގެ ގިނަ ބައެއްގެ މެސެޖުތައް ވެސް ފާހަގަ ކޮށްލެވެއެވެ.
ނަމަވެސް މީގެތެރެއިން ވެސް އެންމެ ފާހަގަ ކުރެވުނީ، ޝެއިޚް ފަރީދުގެ ދަރިކަލުން ޢަބްދުﷲ ފަރީދު (އަބޯ) ސޯޝަލް މީޑިއާގައި ހިއްސާ ކުރި އަސަރުގަދަ، އަދި އެހާމެ ހިތްވަރު ގަދަ މެސެޖެވެ.
އެގޮތުން އޭނާގެ ބައްޕަ (ޝެއިޚް ފަރީދު) އަކީ އޭނާގެ ފުރަތަމަ އެދުރު ކަމަށާއި ދިރިއުޅުމުގެ ޙަޤީޤީ މާނައަކީ ކޮބައިކަން އުނގަންނައިދެއްވި މުދައްރިސްކަމަށް އަބޯ ބުންޏެވެ. އަދި އިއްޔެއަކީ އަބޯގެ ޙަޔާތުގައި އައި އެންމެ ހިތާމަވެރި އަދި ހިތްދަތި ދުވަސް ކަމުގައި ވެސް ބުންޏެވެ.
”ބައްޕައާއެކު ހޭދަ ކުރެވުނު ކޮންމެ ހިނދުކޮޅެއް ކުއްލިއަކަށް ސިކުނޑި ފުރާލި ކަހަލަ. މި ދުނިޔެއާއި އަލްވަދާޢު ކީ ޚަބަރާއެކު ހިތް ޗިސް ޗިސް ވި ކަހަލަ.
ނަމަވެސް ( كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ ) ގެ މާނަވެސް ފަހުމް ކޮށްދެއްވެވީ ހަމަ އަޅުގަނޑުގެ ލޮބުވެތި ބައްޕަ. ފުރާނަ ވަކިވެ ދިޔައަސް ބައްޕަގެ ހެޔޮ ޒިކުރާ މި ދުލަކުން ހަމަ ގައިމު ނުފިލާނެ. ބައްޕަގެ ފާފަ ފުއްސަވާ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވުމަށް އެދި ދުޢާ ކުރަން.“ ނުހަނު ހިތްދަތިކަމާއެކު އަބޯ ބުނެފައިވެއެވެ.
އަބޯގެ މެސެޖު ނިންމާލަމުން ބުނެފައިވަނީ، ގިނައިން ބުނެވިފައި ނެތް ނަމަވެސް، އޭނާގެ ބައްޕަ ދެކެ (ޝައިޚް ފަރީދު ދެކެ) އިންތިހާއަށް ލޯބިވާ ކަމަށާއި ސޫރަ ފަނޑުވެ ދިއައަސް، ބައްޕައަށް އޭނާގެ ހިތުގައިވާ ޤަދަރު ހަމަ ގައިމު ފަނޑު ނުވާނެ ކަމަށެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ



