ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި، މަޝްހޫރު ދީނީ އިލްމުވެރިޔާ އަލްމަރްހޫމް ޝެއިޚް އިބްރާހިމް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ޝެއިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވީ އިއްޔެ މެލޭޝިއާއަށް ކުރެއްވި ދަތުރުގައި، އެ ޤައުމުގެ އެއާޕޯޓަށް ފައިބައިވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއް ނުވެ ހާލަތު ދެރަވެގެންނެވެ. އަދި ޝެއިޚްގެ ޖަނާޒާ މެލޭޝިއާގައި ބޭއްވުމަށް މިއަދު އާއިލާއިން ވަނީ ނިންމާފައެވެ.
ޝެއިޚް ފަރީދުގެ އާއިލާއާ ގާތް ބޭފުޅަކު މިއަދު ބުނީ، ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން އާއިލާއިން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ ޝެއިޚްގެ ހަށިގަނޑު މެލޭޝިއާއިން ބޭރުކުރާނަމަ، ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އެކަމަކީ ޝެއިޚް ދުނިޔޭގައި ހުންނެވިއިރު ވެސް ނުހަނު ދެކޮޅުވި ކަމަކަށްވާތީ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ޝެއިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިއާގައި ކުރިއަށް ގެންދަން އާއިލާއިން ނިންމަވާފައިވާތީވެ، ޝެއިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމާމެދު ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.
”އިންޝާ ﷲ މި ހަފްތާގެ ހުކުރު ދުވަހުގެކުރިން މެލޭޝިއާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝެއިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ވަނީ ނިންމާފަ.“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރ އިތުރަށް ވިދާޅުވީ ޝެއިޚް ފަރީދުގެ ޖަނާޒާގެ ކަންކަން ދާ ގޮތް އިއުލާނު ކުރައްވާނެ ކަމަަށެވެ.



