ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައިޒިޔާ ދަންނަވައިފިއެވެ.
އަހްމަދު ރަޝީދު މިއަދު އަވަހާރަވީއިރު އުމުރުފުޅުން 68 އަހަރެވެ. އެމަނިކުފާނަކީ ކުރިން ޕީޕީއެމްގައި އަދި ފަހުން ޕީއެންސީގައި ވެސް އިސްކޮށް ހަރަކާތްތެރިވީ ބޭފުޅެކެވެ.
ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަޙްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރްޙޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
”މަރްޙޫމް އަޙްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހައްޓަވާށިއެވެ. އާމީން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަހްމަދު ރަޝީދު އަވަހާރަވުމާ ގުޅޭގޮތުން ގައްދޫ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އަލީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަހްމަދު ރަޝީދު އަވަހާރަވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއި އަސަރާ އެކު ކަމަށެވެ. އަދި ރަޝީދަކީ ގުޅިގެން މަސައްކަތް ކުރުމުގައި ނަމޫނާ ބޭފުޅެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون



