މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިބްރާހިމް ފަރީދު އަހްމަދު، އަވަހާރަވީއިރު އޮންނެވީ ޝަހާދަތް އިނގިލިން ތައުހީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ހާލުގައި ކަމުގައި ޝެއިޚް ފަރީދުގެ ކޮއްކޯފުޅު އަދި ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ދީނީ ބައްދަލުވުމަށް މި މަހުގެ 9 ވަނަ ދުވަހު ވަޑައިގެން، އެއާޕޯޓަށް ފައިބާވަޑައިގަތްތަނުން، ކުއްލި ގޮތަކަށް ހާލުކޮޅު ދެރަވެގެންނެވެ.
މެލޭޝިއާއިން ބޭރަށް ހަށިކޮޅު ގެންދާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އެކަމަކީ ޝެއިޚް ފަރީދު ދުނިޔޭގައި ހުންނެވިއިރު ނުހަނު ދެކޮޅު ކަމަކަށްވުމާއެކު އާއިލާއިން އިއްޔެ ނިންމާފައިވަނީ ޝެއިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި މިއަދު ބޭއްވުމަށެވެ.
ޝެއިޚް ފަރީދުގެ ޖަނާޒާގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ޝެއިޚް ޒައިދު މިއަދު މީސްމީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިވަގުތު ޝެއިޚް ފަރީދު ހިނެވެމުންދާ ކަމަށާއި ހިނަވާ ކަފުންކުރެވުނުހާ އަވަހަކަށް މޫނު ދެއްކުން އޮންނާނެ ކަމަށެވެ.
”ބޭބެ އޮތީ ވަރަށް ރީތިކޮށް! އަދި ނިޔާވެފައި އޮތީ ޝަހާދަތް އިނގިލިން ތައުޙީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ޙާލުގައި! ބޭބެއަށް ހެޔޮ ދުޢާކުރައްވަވާ!“ ޝެއިޚް ޒައިދު ވިދާޅުވެފައިވެއެވެ.
ޝެއިޚް ފަރީދުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީލިﷲ މަސްޖިދުގައެވެ.




