މާލެ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން މެންދުރުފަހު 2:30 އަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ މިދިޔަ ހަފްތާގައި ލަފާކޮށް، އިއުލާނު ކޮށްފައެވެ.



