ދީނީ ޢިލްމުވެރިޔާ އަލްމަރްހޫމް ޝެއިޚް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ ބޭއްވުމަށްފަހު، މިއަދު ފަސްދާނުލައްވައިފިއެވެ.
ޝެއިޚް ފަރީދު އަވަހާރަވީ، މި މަހުގެ 9 ވަނަ ދުވަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި، އެއާޕޯޓަށް ފައިބާވަޑައިގެންނެވި ތަނުންނެވެ. މެލޭޝިއާއަށް ވަޑައިގެންނެވީ ދީނީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްކަން އެނގިފައިވެއެވެ.
ދީނީ އެކި ކަންކަމުގައި ހޭލުންތެރި ކުރުމުގެ މަސައްކަތްޕުޅު ކުރެއްވި ޝެއިޚް ފަރީދަކީ ގިނަ ދަރުސްތަކެއް ވެސް ދެއްވާފައިވާ ބޭފުޅެކެވެ.
ޝެއިޚްގެ ޖަނާޒާ މެލޭޝިއާގައި ބޭއްވުމަށް ނިންމީ، އެ ޤައުމުން ބޭރަަށް ހަށިކޮޅު ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އެކަމަކީ ޝެއިޚް ފަރީދު ދުނިޔޭގައި ހުންނެވި އިރުވެސް ނުހަނު ދެކޮޅު ހެއްދެވި ކަމަކަަށް ވާތީ ކަމުގައި އާއިލާއިން ބުނެފައިވެއެވެ.
ޝެއިޚް ފަރީދުގެ ޖަނާޒާއާއި ފަސްދާނުލެއްވުމުގައި އެބޭފުޅާގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ޝެއިޚް އަލީ ޒައިދު އާއި ދަރިކަލުން އަބްދުﷲ ފަރީދާއި މުޙައްމަދު ފަރީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަނާޒާގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް ޒައިދު ވިދާޅުވީ ޝެއިޚް ފަރީދަކީ ވީހާވެސް ގިނަ ކަށުނަމާދު ތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށާއި ނަމަވެސް މިއަދު މިއޮތީ ޝެއިޚްއާ އެދުވަސް ކުރިމަތިވެފައި ކަމަށެވެ.
އަދި މަރަކީ ކޮންމެ ވަގުތަކު ކޮންމެ މީހަކަށް ވެސް އައިސްދާނެ އެއްޗެއްކަމާއި އެންމެންވެސް މަރުވާނެކަން ހަނދުމަ ކޮށްދެއްވަމުން ޝެއިޚް ޒައިދު ވިދާޅުވީ އެންމެންވެސް މި ދުނިޔޭގައި ހެޔޮ އަމަލުތައްކޮށް މަރަށް ތައްޔާރުވެގެން ތިބުމަށެވެ.




