ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުންނަކީ ވަރަށް ނަޒާހަތްތެރިކަމާއެކު އަދުލުއިންސާފު ގާއިމުކޮށްދޭ ބަޔަކަށް ވާންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަނު ކުރަން ރުހުން ދިނުމާމެދު މިއަދުގެ މަޖިލިސް ޖަލްސާގައި ކުރެއްވި ބަހުސްގެ ތެރެއިންނެވެ.
އެގޮތުން އެމްޕީ ފަލާހު ވިދާޅުވީ ކޯޓުތަކަށް އައްޔަނު ކުރެވޭ ފަނޑިޔާރުންނަކީ، އަދި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ ވެސް، ވަރަށް އަމާނާތްތެރި ނަޒާހަތްތެރި އަދުލު އިންސާފު އެންމެ ފުރިހަމައަށް ގާއިމު ކުރެވޭ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށެވެ.
”ދާދި ފަހުން މި މަޖިލީހުން ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަަލައި، އެބޭފުޅުން ވަކި ކުރީ. އަޅުގަނޑުމެންގެ އުންމީދަކީ މި ދިވެހިރާއްޖެއަކީ އަބަދުވެސް އަދުލު އިންސާފު ހަމަހަމަކަމާއެކީ އެންމެ ފުރިހަމައަަށް ލިބިގެންދާނެ ޤައުމަކަށް ހެދުން“ މެންބަރު ފަލާހް ވިދާޅުވިއެވެ.
މީގެއިތުރުން އިންގުރައިދޫ ދާއިރާގެ މެންބަރު ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގާއިމު ކުރެވޭނީ ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަކީ އަދުލަށް ހުކުމް ކުރާ ފަނޑިޔާރުންތަކަކަށް ވެގެން ކަމަށެވެ.




