ކްރެޑިޓް ރޭޓިން އޭޖެންސީ (ފިޗް) އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ”ސީސީ“ ގައި ދަމަހައްޓައިފިއެވެ.
ރާއްޖޭގެ ރޭޓިން ސީސީއަށް ދަށްކުރީ މިދިޔަ އަހަރުގެ އޮގަސްޓު ގައެވެ. އަދި ފިޗުން މިއަދު ނެރުނު ރޭޓިންގައި ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ”ސީސީ“ ދަމަހައްޓާފައެވެ.
ރޭޓިން ދަމަހައްޓާފައި ވަނީ ދިވެހި ސަރުކާރުން ގެނައި މުހިންމު ބޭރު ފައިސާގެ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒާވް ފާހަގަކުރެވޭ ވަރަށް އިތުރުވެފައިވާތީއެވެ.
ފިޗުގެ ނިންމުމުގައި ފަހަކަށް އައިސް ފެނިފައިވާ ރަނގަޅު ކުރިއެރުންތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާ ކުރިއަރައި، އިތުރުވަމުންދާ ބޭރު ފައިސާގެ ރިޒާވް އަދި ފިސްކަލް ސާޕްލަސް ހިމެނެ އެވެ. ރޭޓިން އޭޖެންސީން ވަނީ މެދު ރާސްތާގެ މާލީ އަދި ދަރަނީގެ ސްޓްރެޓެޖީތައް އެކުލަވާލުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވެސް ފާހަގަކޮށްފައެވެ.
މިދިޔަ އޭޕްރީލުގައި ރަސްމީ ރިޒާވް އެސެޓްސް 856.3 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފަ އެވެ. މިއީ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. މި ކުރިއެރުން އައިސްފައި ވަނީ ބޭރު ފައިސާ އާ ގުޅޭ ގާނޫނު ތަންފީޒު ކުރުމުގެ ސަބަބުންނެވެ.


