އިންޑިއާގެ ގުޖުރާތު އަހްމަދާބާދުގައި ހުންނަ ސަރުދާރު ވަލަބްބާއީ ޕަޓެލް އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުރި އެއާ އިންޑިއާގެ ފްލައިޓު ވެއްޓުނީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުނާ ގޮތުގައި މިއަދު މެންދުރުފަހު 1:39 ގައި ލަންޑަނުގެ ގެޓްވިކް އެއަރޕޯޓަށް ދަތުރުފެށި މި ފްލައިޓުގައި ދެ ޕައިލެޓުންނާއި، 10 ކެބިން ކްރޫ މެންބަރުންނާއި 230 ފަސިންޖަރުން ހިމެނޭ ގޮތަށް ޖުމްލަ 242 މީހުން ތިބިއެވެ.
މި ހާދިސާގައި ފްލައިޓުގައި ތިބި އެންމެންވެސް ވަނީ މަރުވެފައެވެ.
ފްލައިޓު ވެއްޓުނު މަންޒަރު ދައްކުވައިދޭ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފްލައިޓު ފުރުމަށްފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައި މެޑިކަލް ދަރިވަރުން ތިބޭ ހޮސްޓެލްއަކަށް ވެއްޓި، އަލިފާން ރޯވެ ކަޅު ދުން އުފެދިފައިވެއެވެ.
ޑީޖީސީއޭ އިން ބުނާ ގޮތުގައި ފްލައިޓު ފުރުމަށްފަހު އެމަޖެންސީ މޭޑޭ ސިގްނަލް ފޮނުވި ނަމަވެސް، އެއާ ޓްރެފިކް ކޮންޓްރޯލުން އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. އޭވިއޭޝަން މާހިރު ސަންޖޭ ލަޒާރު ބުނީ، ފްލައިޓު ގާތްގަނޑަކަށް 825 ފޫޓުގެ އުސްމިނަށް އަރާފައިވަނިކޮށް ކުއްލިއަކަށް ތިރިއަށް ވެއްޓިފައިވާ ކަމަށެވެ.
މި ހާދިސާގައި މިހާތަނަށް 204 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެއާ އިންޑިއާއިން ހާމަކުރި ގޮތުގައި މި ފްލައިޓުގައި ތިބި ފަސިންޖަރުންގެ ތެރޭގައި 169 އިންޑިއާ ރައްޔިތުންނާއި، 53 ބްރިޓިޝް ރައްޔިތުންނާއި، އެއް ކެނެޑާ ރައްޔިތަކާއި، 7 ޕޯޗުގީޒް ރައްޔިތުން ހިމެނެއެވެ.
އަދި 8،200 ގަޑިއިރުގެ ތަޖުރިބާކާރު ޕައިލެޓް ކެޕްޓަން ސުމީތް ސަބަރުވާލްއާއި، 1،100 ގަޑިއިރުގެ ތަޖުރިބާ ހުރި ފަސްޓް އޮފިސަރ ކްލައިވް ކުންދަރު ވެސް މި ހާދިސާގައި ވަނީ މަރުވެފައެވެ.




