އީރާންގެ އަސްކަރީ މަރުކަޒުތަކަށް އިޒްރޭލުން މިއަދު ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މީގެ ތެރޭގައި އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދިން ހަމަލާއާއި، އެ ގައުމުގެ އެހެން ސަރަހައްދުތަކުގައި ހުރި ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި ތަންތަނަށް ދިން ހަމަލާތައް ހިމެނެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނި ގޮތުގައި މި ހަމަލާތައް އަމާޒުކުރީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ ”ހިތަށް“ ކަމަށާއި، އީރާނަކީ އިޒްރޭލުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށް ވާތީ، އެ ނުރައްކާ ނައްތާލެވެންދެން މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ހަމަލާތަކުގައި އީރާންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި ބައެއް ސައިންސްވެރިން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އަދި އީރާންގެ މީޑިއާއިން ބުނާ ގޮތުގައި އާންމުންގެ އިމާރާތްތަކަށް ވެސް ހަމަލާ އަރައި، ކުޑަކުދިންނާއެކު ގިނަ އަދަދެއްގެ މީހުން މަރުވެފައިވެއެވެ.
”މިއީ އެމެރިކާގެ ބައިވެރިވުމެއް ނެތި، އިޒްރޭލުން އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް. އަދި އީރާނުން މި ހަމަލާގެ ރައްދުގައި އެމެރިކާގެ މަސްލަހަތު ހިމެނޭ އެއްވެސް ތަނަކަށް ހަމަލާ ދީގެން ނުވާނެ.“ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ބުންޏެވެ.
އިޒްރޭލާއި އީރާނުން މިދިޔަ އަހަރެއްހާ ދުވަސް ދެ ފަހަރެއްގެ މަތިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއެއްގައި ނިސްބަތުން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް ނުވެ އެވެ.
މި ހަމަލާތަކާ ގުޅިގެން އިޒްރޭލު މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އީރާންގެ ރައްދު ހަމަލާއަކަށް ތައްޔާރުވެފައެވެ.
މި ހަމަލާތައް ދީފައި މިވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއާއި އީރާނުން މަޝްވަރާތައް ކުރިއަށް ގެންދަނިކޮށެވެ.




