ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ހަދަމުންދިޔަ ކޮންޓެކްޓް ޓްރޭސިންގް މިހާރު ހަދާ ނިމިއްޖެ ކަމަށާއި އިތުރު ކޭސްއެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
ރާއްޖެއިން މިބަލީގެ ކޭސްއެއް ފެނިއްޖެކަން ހާމަ ކުރަމުން އެޗްޕީއޭއިން މި މަހުގެ 7 ވަނަ ދުވަހު ބުނެފައިވަނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ބަލި ރާއްޖެއިން ފެނިފައިވަނީ އެހެން ޤައުމަކުން އައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިންނެވެ. އޭނާ މިހާރު ވަނީ ނިޔާވެފައެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، މި ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގް މިހާރު ނިމިފައިވާ ކަމަށާއި ޓްރޭސިންގް ހެދި އެއްވެސް ފަރާތަކުން މި ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށެވެ. އަދި މި ބަލީގެ އިތުރު ކޭސްއެއް ވެސް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ނައިސީރިއާ މެނިންގްޓައިޑިސް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ބައްޔެކެވެ. މިއީ ވަރަށް މަދުން ޖެހޭ ބައްޔެއް ނަމަވެސް، މިބަލި ޖެހިއްޖެނަމަ މި ބަލީގައި ބޮޑުވަރުވާލެއް ވެސް ވަރަށް އަވަހެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން، ކަނދުރާއަށް ވާންވުން، ބޯ އެނބުރުމާއި ހޮޑުލެވުން، ފޮޓޯފޯބިއާ އަދި ނަފްސާނީ ހާލަތަށް ބަދަލު އައުން (އޮޅުން) ހިމެނޭ ކަމަށާއި ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވާ ކަމުގައި ވެސް އެޗްޕީއޭއިން ބުންޏެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ދެ ބާވަތެއް ވެއެވެ. އެއީ:
° މެނިންޖައިޓިސް
° މެނިންގޯކޮކަލް ސެޕްސިސް
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށާއި ބަލި ޖެހިފައިވާ މީހާއާ އެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަން އެޗްޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމަށް ވެސް ބުނެފައިވެއެވެ.
ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކަށް ކަމުގައި ވެސް އެ އެޖެންސީން ބުނެފައިވެއެވެ.
° ބަލިޖެހިފައިވާ މީހެއްގެ އަނގައިން ނުކުންނަ ކުޅުގައި ހުންނަ ޖަރާސީމު އެހެން މީހުންގެ ނޭވާލާ ނިޒާމުގެ ތެރެއަށް ގޮސްގެން
° ބަކި ޖެހުމުގެ ފުރުސަތު ބޮޑީ ބަލި މީހަކާ ގާތްކޮށް ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކަށް
(އެއް ގެއެއްގައި އުޅޭ މީހުން، އެއް ކޮޓަރިއެއްގައި ނިދި މީހުން، ބަލި މީހާގެ ކުޅު އަރިދަފުސްފަދަ ތަކެތީގައި ޖެހިފައިވާ މީހުން)
މެނިންގޯކޮކަލް ބަލި ހުންނަ މީހުންނާ ގާތް ގުޅުމެއް އޮންނަ މީހުންނަށް އެންޓިބަޔޮޓިކްސް ކީމޯޕްރޮފިލެކްސިސް ދޭންވާނީ، އިމުނައިޒޭޝަންގެ ހާލަތަށް ބެލުމެއް ނެތި، އެންމެ ރަނގަޅީ އިންޑެކްސް ބަލިމީހާ ދެނެގަނެވޭތާ 24 ގަޑިއިރު ފަހުންނެވެ.




