އިންޑިއާއި ރާއްޖެއާ ދެމެދު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވް އިތުރުވެފައިވުމަކީ އެ ގައުމަށް ލިބޭ ހިތްހަމަޖެހުމެއް ކަމުގައި އިންޑިއާއިން ބުނެފިއެވެ.
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗުން ވަނީ ރާއްޖެއަށް ދީފައިވާ ”ސީސީ“ ރޭޓިންގް މިދިޔަ ބުރާސްފަތި ދުވަހު ދަމަހައްޓާފައެވެ.
އެގޮތުން ފިޗުން ބުނެފައިވަނީ ފިޗުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ފޮރިން ރިޒާވް މިހާރު އިތުރުވެފައިވާއިރު އޭގެ ސަބަބުތަކުގެ ތެރޭގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އާއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު 24ގައި ހެދި އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރު ލިބުން ހިމެނޭކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
ފިޗުގެ ރޭޓިންގާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ”އެކްސް“ ގައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ދިމާވެފައި އޮތް ބޭރުގެ ފައިސާގެ ދަތިކަމަށް، ކަރަންސީ ސްވޮޕްގެ ސަބަބުން ލުޔެއް ލިބުނު ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އެއީ އިންޑިއާއަށް ވެސް ލިބުނު ހިތްހަމަޖެހުމެއް ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ.



