އީރާންއާއި އިސްރާއީލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި އީރާނުން މިއަދާއި ހަމައަށް 370 މިސައިލް އިސްރާއީލަށް ފޮނުވައިފިއެވެ.
އިސްރާއީލުގެ ޕްރައިމް މިނިސްޓަރުގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަތަރު ދުވަސްތެރޭގައި އީރާނުން ވަނީ 370 މިސައިލް އަދި 100 އަށް ވުރެ ގިނަ ޑްރޯނު އިސްރާއީލަށް ފޮނުވާފައެވެ.
މިއަދު ހެނދުނު އިސްރާއީލުގައި 24 މީހުން މަރުވެފައިވާއިރު 592 މީހުން ވަނީ ޒަހަމްވެފައެވެ. މީގެ ތެރެއިން 10 މީހުންގެ ހާލަތު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށް އިސްރާއީލުގެ ސިއްހީ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ.
އީރާނުން ފޮނުވި މިސައިލްތައް ވަނީ އިސްރާއީލުގެ 30 ސަރަހައްދަކަށް އަމާޒުވެފައެވެ.
އީރާނުގެ ހެލްތު މިނިސްޓްރީން އީރާން ސްޓޭޓް މީޑިއާއަށް ދިން މައުލޫމާތުގައިވާ ގޮތުން، މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދާ ހަމައަށް އީރާނުގައި 224 މީހުން ވަނީ މަރުވެފައެވެ.
އިސްރާއީލާއި އީރާނާ ދެމެދު މި ހަނގުރާމަ ފެށުނީ މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ވަނީ އިސްރާއީލާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ.
އެންމެ ފަހުން ރޭ ވެސް އީރާނުން ވަނީ އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތައް އަމާޒުވެފައިވަނީ އިސްރާއީލުގެ ހައިފާއަށާއި ވެރިރަށް ޓެލް އަވިވްގެ އިތުރުން އެއިލަޓް އާއި މެދުތެރޭގެ ބައެއް ސަރަހައްދުތަކާއި ދެކުނުގެ ސަރަހައްދުތަކަށެވެ.



