ފުލުހުން ފެނުމުން އަވަސް އަވަހަށް އެތަނުން ދާން އުޅުނު މީހެއްގެ އަމަލުތައް ހުރި ގޮތާމެދު ޝައްކު ކުރެވިގެން ބެލި ބެލުމުން، އޭނާ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ . މާމިގިލި / ފުނަމާގެ، މުޙައްމަދު ޢާލިމް (22އ)އެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި އެމީހާ ހައްޔަރު ކޮށްފައިވަނީ ރޭ 00:41 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ހަތެއްގެ ގްރައުންޑް ފްލޯ ޕާކިން ޒޯނަށް ސައިކަލެއްގައި ވަދެ، ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލު ޕާކްކޮށްފައި ދާން މަސައްކަތްކުރުމުން، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންނެވެ.
އެ ކޮތަޅުތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްގެ ވަގުތީ ބަރުދަނަކީ 259 ގްރާމް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.




